ނ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
މިރޭ ނ. ހޮޅުދޫގައި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ އަތޮޅަކީ ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ އަތޮޅެއް ކަމަށާއި، ހޮޅުދޫ، ފޮއްދޫ އަދި ވެލިދޫ ހިމެނޭ ސަރަހައްދަށް އިތުރު ޑޮމެސްޓިކް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ވެލިދޫ ކައިރީގައި އޮންނަ ”ވިހަފަރު“ ގައި އަޅާ މި އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ އެވެ. މިއީ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ގާތްގަނޑަކަށް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓުތައް ގާއިމުކުރުމުގެ ވިސްނުމުގެ ދަށުން އަޅާ އެއާޕޯޓެކެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި އެއާޕޯޓާއެކު އިގްތިސާދީ ގޮތުން ވަރަށް ގިނަ ކަންކަން ފަހިވެގެންދާނެ އެވެ. އަދި މި މަޝްރޫއަކީ މެދު އަދި ދުރު ރާސްތާއަށް ބަލާއިރު މުޅި އަތޮޅުގެ ޓޫރިޒަމް ކުރިއެރުވުމާއި އެ އަތޮޅުގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ އެހެން މަޝްރޫއުތަކަށް ވެސް ފައިދާކުރާނެ ކަމެކެވެ.
މި އެއާޕޯޓުގެ އިތުރުން، ނ. އަތޮޅުގައި މިހާރު ގާއިމުކޮށްފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



