ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސިންޖަރު ޓާމިނަލް އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން، އެއާޕޯޓު އެމެޖެންސީ ސާވިސަސްގެ ފަރާތުން އެމަޖެންސީ ރެސްޕޮންސް ޑްރިލްއެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އެމްއޭސީއެލުން ބުނިގޮތުގައި، މި ޑްރިލްގައި އެމަޖެންސީގެ ތަފާތު ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ޓެސްޓްކޮށް، ފަސިންޖަރުންނަށް ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެންބިއުލަންސް މެދުވެރިކޮށް އަވަސް ފަރުވާގެ ޚިދުމަތް ފޯރުކޮށްދެވޭނެ އެންމެ ކުރު މަގުތައް ދެނެގަނެވުނެވެ.
މި އާ ޓާމިނަލްއަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، މަތީ ފެންވަރުގެ ފަޔަރ އެންޑް ސޭފްޓީގެ ޚިދުމަތް ފޯރުކޮށްދެވޭނެ ޓާމިނަލްއެއްކަން އެމަޖެންސީ ސާވިސަސްގެ ތެރެއިން ކަށަވަރުކުރެވިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ، މި ޑްރިލްއަކީ ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދެވުނު ހަރަކާތެއް ނަމަވެސް، އަލިފާނުގެ ހާދިސާއެއް ހިނގައި ފަސިންޖަރުން އެމަޖެންސީގައި ބޭރަށް ނެރެންޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަކީ ވަރަށް ދުރުކަމެއް ކަމަށެވެ.

މި ހަރަކާތުގައި ޓާމިނަލްގައި ހަރަކާތްތެރިވާނެ ފަޔަރ ވޯޑަންސްގެ ހަރަކާތްތައްވެސް ބަލައި ޓެސްޓްކުރެވޭނެކަމަށް އެމްއޭސީއެލުން ބުންޏެވެ.
އާ ޓާމިނަލްގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުން ވަނީ ފަޔަރ ވޯޑަންގެ ގޮތުގައި ތަމްރީނުކުރެވިފައެވެ.

އެމްއޭސީއެލްއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދާނީ އެއާޕޯޓުގެ ޚިދުމަތް ބޭނުންކުރައްވާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.



