ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާ އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެސްޑީއެފްސީ ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހުގައެވެ.
އަދި މިހާރު މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
މި މުއާމަލާތްތައް ކުރިއަށްގެންދަނީ ގާނޫނާއި އެއްގޮތަށްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވެސް މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ. އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ނިންމާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، އެސްޑީއެފްސީ ގަތުމުގެ މައިގަނޑު މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިން ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމެވެ.
މީގެ އިތުރުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުމަށްވެސް މި މުއާމަލާތުން މަގުފަހިވެގެންދާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.



