ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފައެވެ.
މިނިސްޓްރީން ބުނިގޮތުގައި، މިނިވަން ދުވަހާއި ގުޅިގެން ޖުލައި 25، 26 އަދި 27 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި، ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް ވަކި ވަގުތުތަކެއްގައި މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މަނާކުރެވޭ ވަގުތުތައް:
- ޖުލައި 25: ބަރު އުޅަނދުގެ ތެރެއިން C0، C2، D، E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު، މެންދުރު 1:00 އިން އިރުއޮއްސި 6:00 އަށް
- ޖުލައި 26: ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ހަވީރު 3:00 އިން 6:30 އަށް
- ޖުލައި 27: ބަރު އުޅަނދުގެ ތެރެއިން C0، C2، D، E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު، އިރުއޮއްސި 6:00 އިން މެންދަމު 12:00 އަށް
މިނިސްޓްރީން އިތުރަށް ބުނިގޮތުގައި، މި ވަގުތުތަކުގައި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް، އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތަށް ބޭނުންކުރާ އުޅަނދުތަށް ދުއްވޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ، މި އެންގުމާ ޚިލާފުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.



