ދަރުމަވަންތަ ހޮސްޕިޓަލުން 17 ރެޖިސްޓާޑް ނަރުހުން ހޯދަން އިޢުލާންކޮށްފިއެވެ.
މި އިޢުލާނުގައި ދެ ރޭންކެއްގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. އެއީ ޕަބްލިކް ސަރވިސް ރޭންކު 5 އަދި ރޭންކު 7 ގެ މަޤާމުތަކެވެ.
ރޭންކު 5 ގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ޤަބޫލުކުރާ، ނަރސިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ޝަރުތުކޮށްފައިވެއެވެ.
އަދި ރޭންކު 7 ގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން ލާޒިމުކުރެއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2025 އޮގަސްޓް 4 ވަނަ ދުވަހުގެ 13:00 އެވެ. އަދި އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ 6 އޮގަސްޓް 2025 އިން 9 ސެޕްޓެމްބަރ 2025 އާ ދެމެދު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.
މަޤާމަށް އެދި ހުށަހަޅަން ޖެހޭނީ ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އިދާރާއަށް ސީދާ ހުށަހެޅުމުގެ އަދި އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ވެސް ދީފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3308227 އަށް ގުޅުމަށް އަދި Jobs@dharumavantha.gov.mv އަށް އީމެއިލް ކުރުމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.



