ފަލަސްތީނުގެ ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ކުޑަކުދިންގެ ހާލަތު އިންތިހާއަށް ގޯސްވެ، ގިނަ އަދަދެއްގެ ކުޑަކުދިން ދުނިޔެ ދޫކުރުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އަލް ޖަޒީރާ ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާލަތުގެ އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށެވެ.
ބަނޑުހައިހޫނުކަމުގެ ސަބަބުން މި ކުދިންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް، ހިޔާތަކާއި، ޓެންޓްތަކާއި، ހޮސްޕިޓަލްތަކުގައި ބަލިކަށިވެފައި ތިބޭ ކުދިންގެ އަދަދު ވަނީ އިތުރުވެފައެވެ.
”ކުދިން ރެޔާއި ދުވާލު ބަނޑުހައިހޫނުކަމުގެ ވޭނުގައި ރޯ އިރު، ކާން ނުލިބޭ ދުވަސްތައް ގިނަވެ، ހޭނެތޭ މިންވަރު އިތުރުވެފައިވޭ،“ އެ ކުދިންގެ ބެލެނިވެރިން ބުނެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެއްވެސް ޝަރުތަކާ ނުލާ މިހާރުން މިހާރަށް އެތެރެ ކުރުމަށް ގޮވާލާފައެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް ބަނޑުހައިހޫނުކަމުގައި 113 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 80 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގިނަ އާއިލާތަކަށް ދަރިންނަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމަށް ނުކުޅެދި، ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެހީ ބަހާ ސަރަހައްދުތަކަށް ދާން މަޖުބޫރުވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ނަމަވެސް އެ ސަރަހައްދުގައި ވެސް އެމީހުންނަށް ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑެވެ.




