އެތައް ހާސް ފޫޓު މަތިން ދުއްވަމުންދިޔަ އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާ ބޯޓެއްގައި ތައިލެންޑަށް ނިސްބަތްވާ އަންހެނަކު ވިހައިފިއެވެ.
މަސްކަޓުން މުމްބާއީއަށް ދަތުރުކުރަމުންދިޔަ މި ބޯޓުގައި އެ އަންހެން މީހާ ވިހެއީ ފިރިހެން ކުއްޖެކެވެ.
އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން، އެ ވަގުތު ބޯޓުގައި ތިބި ކްރޫއިންނާއި ދަތުރުވެރިންނަށް އެއީ ވަރަށް ޚާއްސަ އަދި އުފާވެރި ވަގުތުކޮޅަކަށް ވެގެން ދިޔައެވެ.
އެ އަންހެން މީހާއަށް ވިހެއުމުގެ ތަދު އިހުސާސްވާން ފެށުމާއެކު، ބޯޓުގައި ދަތުރުކުރަމުންދިޔަ ނަރުހެއްގެ އެހީތެރިކަމާއެކު ކްރޫއިން އަވަސްވެގަތީ އެހީވާންށެވެ.
އެއާލައިންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވިހެއުމަށް ރައްކާތެރި މާހައުލެއް ބޯޓު ތެރޭގައި ހޯދައިދިނުމަށް ކްރޫއިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނެވެ. މިފަދަ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ކްރޫއިންނަށް ދެވިފައިވާ ޚާއްސަ ތަމްރީނުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުނު ކަމަށް އެއާލައިންގެ ބަޔާނުގައި ބުނެފައިވެއެވެ.
މުމްބާއީގައި ބޯޓު ޖެއްސުމުގެ ކުރިން، ޕައިލެޓުން ވަނީ އެއާ ޓްރެފިކް ކޮންޓްރޯލްއާ ގުޅައި ޚާއްސަ ހުއްދައަކަށް އެދިފައެވެ. ބޯޓު ޖެއްސި ވަގުތު އެމްބިއުލާންސްގެ ޚިދުމަތާއެކު ސިއްހީ އެހީތެރިން ވަނީ ތައްޔާރަށް ތިބެފައެވެ. އަދި އެއާޕޯޓާ އެންމެ ކައިރި ހޮސްޕިޓަލަކަށް އަންހެން ކްރޫ މެންބަރެއްގެ އެހީގައި މަންމައާއި ދަރިފުޅު ގެންދެވުނެވެ.
މި ވަގުތު މަންމައާއި ދަރިފުޅު ތައިލެންޑަށް އަނބުރާ ފޮނުވުމުގެ މަސައްކަތް މުމްބާއީގައި ހުންނަ ތައިލެންޑް ކޮންސިއުލޭޓްގެ އެހީތެރިކަމާއެކު ކުރިއަށްދާ ކަމަށް އެއާ އިންޑިއާ އެކްސްޕްރެސްއިން މަޢުލޫމާތު ދީފައިވެއެވެ.



