އިންޑިއާގެ ރާޖަސްތާނު ސްޓޭޓްގެ ޖަލާވާރް ޑިސްޓްރިކްޓްގައި ހުރި ޕިޕްލޯޑި ގަވަމެންޓް ސްކޫލުގެ އިމާރާތެއް ވެއްޓި، ހަތް ދަރިވަރުން މަރުވެއްޖެއެވެ.
އިއްޔެ ހިނގި މި ހާދިސާގައި އިތުރު ދެ ދަރިވަރުންނަށް އަނިޔާވެފައިވާ އިރު، އެކުދިންނަށް މިވަގުތު އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.
އިމާރާތް ވެއްޓުނު ވަގުތު އެތަނުގައި 60 އަށްވުރެ ގިނަ ދަރިވަރުންނާއި މުދައްރިސުންނާއި އެހެނިހެން މުވައްޒަފުން ތިބިކަމަށް ވެސް އޮފިޝަލުން ފާހަގަކުރެއެވެ.
ރާޖަސްތާނުގެ އެޑިއުކޭޝަން ސެކްރެޓަރީ ކްރިޝްނާ ކުނާލް ބުނި ގޮތުގައި ރެސްކިއު އޮޕަރޭޝަން މިހާރު ވަނީ ނިމިފައެވެ. އަދި މި ހާދިސާގައި މަރުވެފައިވަނީ ހަތް ދަރިވަރުން ކަމަށް ކުނާލް ޔަގީންކޮށްދިނެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެއްގައެވެ. އަދި އިމާރާތް ވެއްޓުނު ވަގުތު ބާރުގަދަ އަޑުފައްގަނޑެއް އިވުނު ކަމަށް ހާދިސާ ދުށް ފަރާތްތަކުން ބުނެފައިވެއެވެ. އިމާރާތަކީ ރައްކާތެރިކަން ކުޑަ އިމާރާތެއްކަމަށް ކުރިން ވެސް ޝަކުވާ އުފުލިފައިވާ އިމާރާތެކެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އަނިޔާވި ފަރާތްތަކަށާއި މަރުވި ކުދިންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އަމުރުކުރައްވާފައެވެ.
އަދި މި ހާދިސާއާ ގުޅޭ ތަހުގީގު ވެސް ފަށާފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.



