ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި މި އިއްޒަތް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ޤާސިމް އިބްރާހީމްއަށް މި އިއްޒަތް ދެއްވާފައިވަނީ އޭނާ ވިޔަފާރީގެ ދާއިރާއިންނާއި، ސިޔާސީ ދާއިރާއިން އަދި ދައުލަތުގެ އެކި މަޤާމުތަކުގައި ހުންނަވައިގެން ޤައުމަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ޤާސިމްގެ ދައުލަތަށް ކުރެއްވި ޚިދުމަތުގެ ފެށުން އައީ ގަވަރމަންޓް ހޮސްޕިޓަލްގެ ކާތިބެއްގެ މަޤާމުން ކަމުގައިވާއިރު، އޭރު އޭނާ ކުރެއްވީ ހޮސްޕިޓަލްގެ ބަޖެޓް ބެލެހެއްޓެވުމުގެ މަސައްކަތެވެ.

ވިޔަފާރީގެ ދާއިރާއިން ޤާސިމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބަކީ ވިލާ ޝިޕިންގ މެދުވެރިކޮށް ރާއްޖެއަށް ތެޔޮ އެތެރެކުރަން ފެށުމެވެ. އެންމެ ފުރަތަމަ ސްރީލަންކާއިން ފެށި މި މަސައްކަތް ފަހުން ސިންގަޕޫރާ ހަމައަށް ފުޅާކުރެވުނެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް ޤާސިމް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކުރައްވާފައެވެ.
ދައުލަތުގެ އިސް މަޤާމުތަކުގައި ޤާސިމް ވަނީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމާއި، އެމްއެމްއޭގެ ގަވަރުނަރުކަން އަދާކުރެއްވިއެވެ.

އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވިއެވެ. މީގެއިތުރުން ރައްޔިތުންގެ ޚާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައީސްކަންވެސް ގާސިމް އަދާކުރައްވާފައިވެއެވެ.
އިޖުތިމާޢީ ޚިދުމަތުގެ ރޮނގުން ޤާސިމް ފާހަގަކުރެވެނީ އަމިއްލަ ޚަރަދުގައި ގިނަ ބަޔަކަށް ބޭސްފަރުވާއަށާއި ތަޢުލީމު ހާސިލުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތެއްގެ ގޮތުގައެވެ.




