ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓް، ދިރާގު ރޯޑް ރޭސްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި އަހަރުގެ ރޭސް އޮންނާނީ އޮކްޓޯބަރު 24 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ދިރާގު ހެޑް އޮފީހުގައި ބޭއްވުނު ޕްރެސް ކޮންފަރެންސްގައި ބުނި ގޮތުގައި، ހާފް މެރެތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު ކެޓެގަރީގެ އިތުރުން 5 ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓެގަރީގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ރަޖިސްޓަރ ކުރުމަށް www.dmrr.mv މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.
ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، މި އަހަރު މުޅިން އައު ރޫޓެއް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ރޫޓަކީ ވެސް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ސަރޓިފައިކޮށްފައިވާ ރޫޓެކެވެ.
މި އަހަރުގެ ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 280،000 ރުފިޔާގެ އިނާމު ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން، އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޑީއެމްއާރްއާރްއަކީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
މި ދުވުމުގައި ކޮންމެ އަހަރަކުވެސް ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ބައިވެރިވެއެވެ.


