ރާއްޖެއަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންގެންދަވާ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާގެ އަރިހަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމު ދެމެދު އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، ބަދަލުވަމުން އަންނަ ބައިނަލްއަޤްވާމީ ވިޔަފާރީގެ މާޙައުލުގައި އިސްތިރާޖީ ގޮތުން ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ މެދުވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މިނިސްޓަރު ސަޢީދުގެ އިތުރުން މި ބައްދަލުވުމުގައި އިކޮނޮމިކްސް މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކި ފެންވަރުގެ މަޝްވަރާ ބައްދަލުވުންތައް ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



