މާލޭ ބާޒާރުގައި ފިޔާ ލިބުން ދަތިވެ، ބާޒާރުމަތިން ފިޔާ ހުސްވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެސްޓީއޯއިން ފިޔާގެ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ، ބާޒާރުގައި ފިޔާ ލިބުން ދަތިވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފިޔާގެ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.
އާންމު ގޮތެއްގައި އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް އެތެރެ ނުކުރި ނަމަވެސް، ރޯދަމަހު މި ތަކެއްޗަށް ޑިމާންޑް އިތުރުވާތީ، އެ ކުންފުނިން މި ތަކެތި ރާއްޖެ ގެނެސް ވިއްކައެވެ. މީގެ ކުރިންވެސް ބާޒާރުގައި ފިޔާ ލިބުން ދަތިވުމާ ގުޅިގެން އެސްޓީއޯއިން ވަނީ ފިޔާގެ ޝިޕްމަންޓް ގެނެސް، އެކަމަށް ހައްލު ހޯދައިދީފައެވެ.
އަމިއްލަ ފަރާތަކުން މާލޭ ވިޔަފާރި ބަނދަރަށް ފިޔާގެ ޝިޕްމަންޓެއް ގެނެސްފައި އޮތް ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ ޝިޕްމަންޓް އަދިވެސް ކްލިއަރ ނުކުރެވޭ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިދުވަސްވަރު ބާޒާރުމަތިން ފިޔާ ހުސްވެފައިވާއިރު، އެއްގަމުގެ ބައެއް ފިހާރަތަކުން ފިޔާގެ އަގު ދަނީ ބޮޑު ކުރަމުންނެވެ.




