ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނޭޖިން ޑައިރެކްޓަރ އަހުމަދު މުބީން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މުބީން އިސްތިއުފާ ދެއްވާފައިމިވަނީ، އެމްއޭސީއެލްގެ ދަށަށް އާރްސިއެލް ބަދަލުކުރުމުގެ ވާހަކަތަކެއް ދެކެވެމުންދަނިކޮށެވެ.
މުބީން އިސްތިއުފާ ދެއްވުމާ ގުޅިގެން، އާރްއޭސީއެލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ އޭނާ ކުންފުންޏަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މިފަހުން ކުންފުނީގެ މުވައްޒަފުން ވަނީ މުބީންގެ ފެއަވެލް ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.
އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އާރްއޭސީއެލް ހިންގުމަށް ސަރުކާރުން ކުރަންޖެހޭ ޚަރަދު ބޮޑުވަމުން ދިއުމާ ގުޅިގެންނެވެ.
ކުންފުނީގެ މާލީ ބަޔާންތަކުން ދައްކާގޮތުން، އާރްއޭސީއެލް ހިންގުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.
މިފަދަ ގޮތަކަށް ހިންގުމުގެ ޚަރަދު ބޮޑުވެ، ސަރުކާރުން ބޮޑެތި ހޭދަތައް ކުރަންޖެހޭ ކުންފުނިތައް އެހެން ކުންފުނިތަކާ އެއްކޮށްލައިގެން ޚަރަދު ކުޑަކުރުމަކީ މިހާރުގެ ސަރުކާރުން ގެންގުޅޭ އެއް ސިޔާސަތެވެ.



