މާލެ ސަރަހައްދަށް މިއަދު މެންދުރު ކުރި ވިއްސާރައިގައި ވައިގަދަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގުގައި ހުރި ގިޑިގެއެއް ވެއްޓިއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި ހާދިސާ ހިނގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 13:30 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށާއި، އަދި އެއްވެސް އުޅަނދަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ގިޑިގެ ވެއްޓުމާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅައި، ފުލުހުންނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ގުޅިގެން ވެއްޓުނު ގިޑިގެ ނަގައި، ކުޑައިރުކޮޅެއްގެ ތެރޭގައި އެ ސަރަހައްދުގެ ޓްރެފިކް އާންމު ހާލަތަށް އަނބުރާ ގެނެސްފައިވެއެވެ.
ވެއްޓުނު ގިޑިގެއަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ޖަހާފައިވާ ގިޑިގެއެކެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 50 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އުދައެރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.




