ފުލުހުންގެ މުސާރަ ބޮޑުކުރުމަށްފަހު އެ މުސާރަ ހަމައަށް ނުލިބޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ކަނޑައެޅި ގޮތަށް ބޮޑުކުރި މުސާރަ އެއްވެސް އުނިއިތުރެއް ނެތި ފުލުހުންނަށް އަންނަނީ ދެމުންނެވެ.
އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަކީ އާންމު ފުލުހުންނާ ޚިލާފަށް، އެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު އެއްބަސްވުމެއްގެ ދަށުން ދެވޭ ޚިދުމަތެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް މުސާރަ ދިނުމުގައި އަމަލުކުރަމުން ދަނީ އެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.
މީގެއިތުރުން، ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން އިތުރުކުރެވިފައިވާ މުސާރަވެސް ދެމުން ގެންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.



