ރަޝިއާގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެމެރިކާގެ ކެލިފޯނިއާ އަދި ކޮލަމްބިއާއަށް ސުނާމީގެ ނުރައްކާ ކުރިމަތިވެއްޖެއެވެ.
ކެލިފޯނިއާގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އަރަން ފަށާފައިވާއިރު، ކޮލަމްބިއާގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ދީފައިވެއެވެ.
ލޮސް އެންޖެލަސްގެ މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ކެލިފޯނިއާގެ މެދުތެރެއާއި ކްރެސެންޓް ސިޓީގެ ސަރަހައްދުތަކަށް 3.6 ފޫޓުގެ އުސްމިނުގެ ރާޅުތަކެއް ވަނީ އަރާފައެވެ. މިއީ އެ ސަރަހައްދަށް މިހާތަނަށް އެރި އެންމެ އުސް ސުނާމީގެ ރާޅުތައް ކަމަށް ވެއެވެ. އެހެންނަމަވެސް، މިހާތަނަށް ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި ހާމަނުކުރެއެވެ.
ކޮލަމްބިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ގައުމުގެ ކޮކޯ އަދި ނަރީނޯ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރެ، އައްސޭރިފަށާއި ގޮނޑުދޮށް ކައިރީގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އަންގާފައެވެ.
ރަޝިއާގެ އައްސޭރިފަށުގެ ސަރަހައްދަށް މިއަދު އެކަނި 47 ބިންހެލުން އައިސްފައިވާއިރު، އޭގެ ތެރެއިން އެންމެ ފުރަތަމަ އައި ބިންހެލުން އައީ 8.8 ގެ ބާރުމިނުގައެވެ. އަދި އޭގެ ފަހުން 5.0 އަށްވުރެ ބާރުގަދަ އެތައް ބިންހެލުމެއް ވަނީ އައިސްފައެވެ. މި ބިންހެލުންތަކާ ގުޅިގެން 13 ގައުމަކަށް ވަނީ ސުނާމީގެ އިންޒާރު ދީފައެވެ.
ބިންހެލުމާ ގުޅިގެން ބައެއް ގައުމުތަކުގައި ފެންބޮޑުވެ، ގެތަކަށް ގެއްލުންވެ، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ކެލިފޯނިއާގެ ކްރެސެންޓް ސިޓީއަށް މީގެ ކުރިން 1964 އަދި 2011 ވަނަ އަހަރުވެސް ވަނީ ސުނާމީ އަރާފައެވެ.



