ރާއްޖޭގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިއަދު ސަލްޓަން ޕާކުގައި މޫނިމާ ގަހެއް އިންދަވައިފިއެވެ.
ލަންކާގެ ރައީސް މި ގަސް އިންދަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒާއި ދައުލަތުގެ އިސް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާފައިވަނީ ”ކޮޕް28“ ގައި ކުރެއްވި އިޢުލާނަކާ ގުޅިގެން، ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން 595,000 ގަސް ވަނީ އިންދާފައެވެ. އަދި އަމާޒުކުރެވިފައިވާ 5 މިލިއަން ގަހުގެ ބަދަލުގައި، އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން 6.3 މިލިއަން ގަސް އިންދުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިއަހަރުގެ ނިޔަލަށް 2 މިލިއަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި ޕްރޮގްރާމްގައި ޚާއްޞަ އިސްކަމެއް ދެވިފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާކަމަށް ފާހަގަކުރެވިފައިވާ 90 ބާވަތުގެ ގަސް މި ޕްރޮގްރާމްގެ ދަށުން އިންދުމަށް ވަނީ ހަމަޖެހިފައެވެ.



