ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާ ކައިރީގައި އިއްޔެ އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ޕެސިފިކް ސަރަޙައްދުގެ ގިނަ ޤައުމުތަކަކުން ނެރެފައިވާ ސުނާމީގެ އިންޒާރުތައް މިހާރު ވަނީ ބާޠިލްކޮށްފައެވެ.
ރިކްޓަރ މިންގަނޑުން 8.8 ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ރަޝިޔާގެ އިރުމަތީ ސަރަޙައްދުތަކަށާއި ޖަޕާނުގެ އުތުރުގެ ސަރަޙައްދުތަކަށް ސުނާމީގެ ރާޅުތައް އަރާފައިވެއެވެ.
ރަސްމީ ރިޕޯޓުތަކުން ދައްކާގޮތުގައި ރަޝިޔާގެ އިރުމަތީ އައްސޭރި ސަރަޙައްދުތަކަށް 13 ފޫޓުގެ އުސްމިނުގެ ރާޅު އަރާފައިވެއެވެ. މީގެ ތެރޭގައި ކަމްޗަޓްކާ ޕެނިންސުލާއާއި ކުރިލް އައިލެންޑްސްއާއި ސަޚަލިން ހިމެނެއެވެ.
އެ ސަރަޙައްދުތަކުގައި ކޮންމެވެސް ވަރަކަށް ފެން ބޮޑުވެ، އިމާރާތްތަކަށް ގެއްލުން ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް ބޮޑެތި ޒަޚަމްތަކެއް ވެފައިވާކަމަށް ނުބެލެވެއެވެ.
ޖަޕާނުގެ ހޮއްކައިޑޯއަށާއި ޓޮހޮކުގެ ބައެއް ސަރަޙައްދުތަކަށް ވެސް ސުނާމީގެ ރާޅުތައް އަރާފައިވެއެވެ.
”އުސްމިނުގައި 4.9 ފޫޓު ހުރި ރާޅު އަރާފައިވީ ނަމަވެސް، މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވޭ.“ ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސް، ރޭލުގެ ޚިދުމަތްތައް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.
ޕެސިފިކްގެ އެހެން ސަރަޙައްދުތަކަށް ބަލާއިރު، އެމެރިކާގެ ހަވާއީއަށް 5.6 ފޫޓުގެ ރާޅު އަރާފައިވާއިރު، ހުޅަނގު އައްސޭރި ސަރަޙައްދުތަކަށް 1.6 ފޫޓުގެ ކުދި ރާޅު އަރާފައިވެއެވެ. އެމެރިކާގެ އެ ސަރަޙައްދުތަކުން މިހާރު ވަނީ އިންޒާރުގެ މިންވަރު ”އެޑްވައިސަރީ“ އަށް ދަށްކޮށްފައެވެ.
ސުނާމީގެ އިންޒާރު ދިން އެހެން ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ، ގައުމް، ތައިވާން، ފިލިޕީންސް، އިންޑޮނޭޝިއާ އަދި ފްރެންޗް ޕޮލިނީޝިއާއަށް ސުނާމީގެ އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ.
އަދި މި ޤައުމުތަކުން ވެސް މިހާރު ވަނީ ސުނާމީގެ އިންޒާރުތައް ބާޠިލްކޮށްފައެވެ.



