މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ސާފު ފައިދާގެ ގޮތުގައި 163 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި ކުއާޓަރުގައި ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު ހަތަރު ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.
އާމްދަނީ މިގޮތަށް ދަށްވެފައިވަނީ ތެލުގެ އަގުތަކަށް އައި ބަދަލާއި، ދެވަނަ ކުއާޓަރުގައި ތެލުގެ ޑިމާންޑް ދަށްވުމާ ގުޅިގެން ކަމަށް އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.
ޖުމުލަ އާމްދަނީ ދަށްވުމާއެކު، ދެވަނަ ކުއާޓަރުގައި ޖުމުލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 574 މިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެ އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ޖުމުލަ އާމްދަނީ ވަނީ އިތުރުވެފައެވެ.
ހިންގުމުގެ ފައިދާއަށް ބަލާއިރު، ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބިފައިވަނީ 235 މިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 263 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
ޓެކުހަށް ކެނޑުމަށްފަހު، އެސްޓީއޯއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 163.2 މިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 168.7 މިލިއަން ރުފިޔާ ލިބިފައެވެ.



