މަސްތުވާތަކެތި އެތެރެކުރުމާއި، ވިޔަފާރި ކުރުމަށް މަރުގެ އަދަބު ކަނޑައެޅުމަށް ދިރާސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ.
މި މަގްސަދު ހާސިލުކުރުމަށްޓަކައި، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭ ގޮތަށް ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ވިސްނާފައިވެއެވެ.
މި ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ވަނީ ފޮނުވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މަސްތުވަތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖެއަށް އެތެރެކޮށް ދައުރުވާ މަސްތުވާތަކެތި ހުއްޓުވުމަށާއި، އެ ވާބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖްތަމަޢަށް ނެރުން ހަރުދަނާ ކުރުމަށް ސަރުކާރުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.



