މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށްވުރެ މައްޗަށް އަރައިފިކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1،282،319 އަށް އަރާފައެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ އެކަކުން 29 އަށް 174،189 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 156،341 ފަތުރުވެރިންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ 186،546 ފަތުރުވެރިންނާއެކު ޗައިނާއެވެ. ދެވަނައިގައި އޮތް ރަޝިޔާއިން 151،468 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 120،309 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ހަތަރުވަނައިގައި އޮތް އިޓަލީވިލާތުން 92،835 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިވަގުތު ރާއްޖޭގައި 175 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓަލާއި 886 ފަތުރުވެރި ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓްކުރަމުންނެވެ.




