ވައި ގަދަވާނެ ކަމަށް ލަފާކޮށް ހ.އ ތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން މިއަތޮޅު ތަކަށް ހުދު ސަމާލު ނެރުނީ މިއަދު މެންދުރު 11:30 އިން ހަވީރު 17:30 އަށެވެ.
މި ވަގުތުތަކުގައި މި އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި މުއައްސަސާތަކުން ވަނީ އާންމުންނަށް ދިމާވެފައިވާ ތަކުލީފުތައް ކުޑަކުރުމުގެ މަސައްކަތް ފަށައިފައެވެ.
މެޓުން ބުނީ، ބުދަ އަދި ބުރާސްފަތި ދުވަހު ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި، މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ. މީގެ އިތުރުން، ޢާންމުގޮތެއްގައި ކަނޑުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާ 7 ފޫޓާއި ދެމެދުގެ އުސްމިނުގައި ހުންނާނެކަމަށް މެޓުން ބުނެއެވެ.
ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވާއިރު، ކަނޑު ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.



