މިދިޔަ ހޯމަ ދުވަހު ނިޔާވި ކުރީގެ މިނިސްޓަރު ހަސަން ޞާބިރުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ.
މިގޮތުން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް ވެލާނާގޭގެ 5 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީގެ އޮފީހުގައި ދަފްތަރުގައި ސޮއިކުރެވޭނެ އެވެ.
އުމުރުން 74 އަހަރުގައި ޞާބިރު ނިޔާވިއިރު، ޓޫރިޒަމް މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރުކަމުގެ އިތުރުން ސަރުކާރުގެ އެތައް އިސް މަޤާމުތަކެއް ފުރުއްވާފައިވެއެވެ. ޞާބިރު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ތަޢުޒިޔާގެ ދަފްތަރު ހުޅުވާލީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެއީ ޞާބިރު އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވީ ޓޫރިޒަމް މިނިސްޓްރީގައި ކަމަށްވާތީ އެވެ.
ޞާބިރުގެ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މި މަހުގެ 27 ވަނަ ދުވަހު ބޭއްވުނު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު ވަނީ އަރުވާފައެވެ.



