މާލޭގެ ބާޒާރުން ފިޔާ ލިބުން ދަތިވެ، އަގު މައްޗަށް ދިޔުމަށްފަހު މިއަދު ފިޔާގެ އަގު ވަނީ އަނެއްކާވެސް ދަށްވެފައެވެ.
މިދިޔަ އަންގާރަ ދުވަހު މާލޭގެ ބޮޑެތި ބާޒާރުތަކުން ފިޔާ ހުސްވެފައިވަނީ، މިނިވަން ދުވަހުގެ ބަންދާ ގުޅިގެން އެމްޕީއެލްއިން މުދާ ކްލިއަރ ކުރުން ލަސްވުމާ ގުޅިގެންނެވެ.
މައުލޫމާތު ލިބުނު ގޮތުގައި ލޯކަލް މާރުކޭޓުގެ ބާޒާރުގައި ފިޔާ ބަސްތާއެއް ވިއްކަމުން ގޮސްފައިވަނީ 450 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި ފިޔާ ކިލޯއެއް ހުރީ 35 ރުފިޔާއަށް ވުރެ މަތީގައެވެ.
ނަމަވެސް މިއަދު ފިޔާ ކިލޯއެއް 20 ރުފިޔާއަށް ނުވަތަ 25 ރުފިޔާއަށް ލިބެން ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
ބާޒާރުމަތިން ވިޔަފާރިވެރިއަކު މައުލޫމާތު ދިން ގޮތުގައި ފިޔާ ބަސްތާއެއްގެ އަގު މިހާރު ހުރީ 400 ރުފިޔާއަށް ވުރެ ދަށުގައެވެ. ނަމަވެސް އެއީ އަދި އާންމު އަގު ނޫން ކަމަށާއި، އާންމުކޮށް ފިޔާ ކިލޯއެއް މީގެ ކުރިން ވިއްކަމުން ދިޔައީ 11 ރުފިޔާއަށްކަމަށް އޭނާ ބުންޏެވެ.
ފިޔާގެ އަގު މައްޗަށް ދިއުމާ ގުޅިގެން އެސްޓީއޯއިން ވަނީ އިންޑިއާއިން ފިޔާ ސްޓޮކެއް އެތެރެކުރުމަށް ނިންމާފައެވެ. އެސްޓީއޯގެ އުންމީދަކީ ވީ އެންމެ އަވަހަކަށް އެ ސްޓޮކް ލިބުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ނަމަވެސް އަދި އެ ސްޓޮކް އައިސްފައެއް ނުވެއެވެ.
އެސްޓީއޯއިން ފާހަގަކުރި ގޮތުގައި އަގުތައް ކޮންޓްރޯލްކޮށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް ރޯދަމަހަށް އެ ކުންފުނިން ތަކެތި އެތެރެކުރަމުންދެއެވެ.
އެގޮތުން، ފިޔާގެ އިތުރަށް ލޮނުމެދާއި ލުނބޯ އަދި އަލުވި ފަދަ ބާވަތްތައް މީގެކުރިން ވެސް އެސްޓީއޯއިން ބާޒާރަށް ނެރެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.




