އަންނަ އަހަރުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެ ކުރެވޭނީ ސިއްހަތުގެ އިންޒާރު ޕެކޭޖަށް ޗާޕުކޮށްގެން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ބުނީ، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމަށް ޤާނޫނު ނަންބަރ 2010/15 ”ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު“ އަދި އެ ޤާނޫނުގެ ދަށުން ޢާއްމު ކޮށްފައިވާ ”ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވާއިދު“ (ނަންބަރު:2020 ގެ ހަވަނަބާބު ބަޔާންކުރާ ގޮތުގައި ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ހުންނަންވާނެ ގޮތްތަކެއް ވަނީ ކަނަޑައަޅާފައިވާނެ ކަމަށެވެ.
އަދި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ”ޑިޒައިން އެންޑް ލޭއައުޓް ރިކުއަރަމަންޓްސް ފޮރ ހެލްތު ވޯރނިންގ“ގެ ފުރަތަމަ އިޞްލާޙް 2025 ޖުލައި 29 ވަނަ ދުވަހު ގެޒެޓް ކޮށްފައި ވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ، މި އުޞޫލަށް އިތުރު ކުރެވުނު ބައިތަކުގެ ތެރޭގައި ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް އާއި ނިކޮޓީން ޕައުޗު ހިމެނޭ ކަމަށާއި، އަދި މީގެ އިތުރުން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރެވޭނީ ޞިއްޙަތުގެ އިންޒާރު ސީދާ ޕެކޭޖް ގެ ބޭރަށް ޗާޕުކޮށްގެން ކަމަށެވެ.
އަދި މިގޮތަށް ޢަމަލު ކުރަން ފަށާ ތާރީޚަކީ 2026 ޖަނަވަރީ 28 ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން އިތުރަށް ބުނި ގޮތުގައި، އެ ތާރީޚަށްފަހުގައި މި އުޞޫލުގައިވާ ގޮތް ނޫން ގޮތަކަށް ޕެކްޓްކޮށް ލޭބަލް ކޮށްފައިވާ ނަމަ ޤާނޫނާއި ޤަވާއިދުގެ މަތިން ޢަމަލު ކުރެވޭނެއެވެ.



