ފަލަސްތީނުގެ ގައްޒާގައި ކުޑަކުދިން ބަނޑަށް މަރުވަމުންދާ މައްސަލައިގައި އަޑުއުފުލުމަށް މާދަމާ މާލޭގައި އިހުތިޖާޖެއް ބާއްވާން ނިންމައިފިއެވެ.
އިސްރާ އެސޯސިއޭޝަނުން ”ގައްޒާ ބަނޑަށް މަރުވަނީ“ މި ނަމުގައި ބާއްވާ މި އިހުތިޖާޖަކީ އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ހިމޭން އިހުތިޖާޖެއްކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
މި އިހުތިޖާޖު އޮންނާނީ މާދަމާ ހަވީރު 4:15 ގައި ރަސްފަންނު ސަރަހައްދުގައެވެ. އަދި މި އިހުތިޖާޖުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ އެސޯސިއޭޝަނުން އެދިފައިވެއެވެ.
ގާޒާއަށް ކާނާ އާއި އެހެނިހެން ތަކެތި ވެއްދުމަށް އިޒްރޭލުން ހުރަސް އެޅުމުން މިދިޔަ މާޗު މަހު ގާޒާއިން ކާނާގެ ތަކެތި ވަނީ ހުސްވެފަ އެވެ. މިދިޔަ މޭ މަހުން ފެށިގެން ގާޒާއަށް ކާނާ އާއި އެހީގެ ތަކެތި ވެއްދުމަށް އިޒްރޭލުން ކޮންމެވެސް ވަރެއްގެ ހުއްދައެއް ދީފައިވާއިރު، އެ ތަކެތި ބެހުން ކުރިއަށް ގެންދަނީ އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން ނަމަކަށް ކިޔާ ޖަމާއަތެއް މެދުވެރިކޮށެވެ.
އެހީގެ ތަކެތި ބެހުމުގެ ކަންކަން ކުރިއަށްގެންދާ ސައިޓުތަކުގައި އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި މިހާތަނަށް 1،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ މަރުވެފަ އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 60،034 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
އަދި 147 މީހަކު ކާނާ ނުލިބިގެން މަރުވެފައިވާއިރު އޭގެތެރޭގައި 88 ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.




