ސްރީ ލަންކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ގައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިކޮށްފައިވާ ކަމަށް އެ ގައުމުގެ ”ދަ ގާޑިއަން“ ނޫހުން ރިޕޯޓުކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށް ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.
ރާއްޖެ އެ ލިސްޓުގައި ހިމަނާފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު ލަންކާއަށް ދިން ”އީސްޓަ ބޮމުގެ“ ހަމަލާއާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުންނެވެ.
އެ ހަމަލާތަކާ ދިވެހިންތަކެއްގެ ގުޅުން އޮތް ކަމަށް އޭރު އަޑުތަކެއް ފެތުރުނު ނަމަވެސް، ދިވެހި ސަރުކާރުން ވަނީ އެ ހަމަލާތަކުގައި ދިވެހިންގެ ސީދާ ބައިވެރިވުމެއް ނެތްކަމުގެ ޔަގީންކަން ދީފައެވެ.
އެހެންނަމަވެސް، ފެބްރުއަރީ 2020 ގައި ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އެ ހަމަލާތަކުގައި ނުސީދާ ގޮތުން ބައިވެރިވި ހަތަރު ދިވެއްސެއް ފާހަގަވެފައިވެއެވެ.“އީސްޓަ ބޮމުގެ“ ހަމަލާ ދީފައިވަނީ ނޭޝަނަލް ތައުހީދު ޖަމާއަތަށް ނިސްބަތްވާ ނުވަ މީހުންނެވެ.
އަދި އެ ނުވަ މީހުންނާ ދިވެހިންތަކަކާ ގުޅުމެއް އޮތް ކަމަށް ލަންކާގެ ނޫސްތަކުން އޭރު ރިޕޯޓުކޮށްފައިވެއެވެ.


