މިހާރު ހިނގަމުންދާ ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް 3،790 މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މިދިޔަ ޖުލައި 19 އިން ފެށިގެން މިހާތަނަށް ހައްޖު ކޯޕަރޭޝަނާއި އަމިއްލަ އެކި ގްރޫޕުތަކުގެ ހަވާލުގައި މި ދަތުރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށްވާއިރު، އެ ދުވަހު ފަސް ފްލައިޓެއްގައި 784 މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވެއެވެ.
މިދިޔަ މަހުގެ 24 ގައި ފެށުނު ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީގައި އުމްރާއަށް ދިޔަ އެންމެ ފަހު ގްރޫޕު ފުރާފައިވަނީ އިއްޔެ ހަވީރުއެވެ. މި ދަތުރުގައި ސައުދީ އެއާލައިންސްގެ ފްލައިޓެއްގައި 202 މީހުން ވަނީ ސަޢޫދީ އަރަބިއްޔާއަށް ފުރާފައެވެ.
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން ހިމެނޭހެން ޖުމުލަ 27 ފްލައިޓެއްގައި މި ދަތުރުތައް ކުރިއަށް ގެންގޮސްފައިވާއިރު، ސްކޫލު ޗުއްޓީތަކާ ދިމާކޮށް އުމްރާގެ އަޅުކަމަށް ދާ މީހުންގެ އަދަދު މި ފަހަކަށް އައިސް ވަނީ މައްޗަށް ގޮސްފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް 6،000 އެއްހާ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވެއެވެ.
އުމްރާ ދަތުރުތަކުގެ އަގުތައް މިހާރު ނިސްބަތުން ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ. ގިނަ ކުންފުނިތަކުން ޑިސެމްބަރު މަހުގެ އުމްރާ ދަތުރަކަށް މީހަކަށް އެވްރެޖްކޮށް 25،000 ރުފިޔާއިން 29،000 ރުފިޔާއާ ދެމެދުގެ އަގެއް ނަގާއިރު، މިއީ ގިނަ ބެލެނިވެރިންނަށް ކުދިން ގޮވައިގެން އުމްރާގެ އަޅުކަން އަދާކުރުމަށް ފަހި ފުރުސަތަކަށް ވެފައިވެއެވެ.



