ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބޭ 232 ފަރާތެއް މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށް ނިންމާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެފްޑީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ހަލުވިކޮށްފައެވެ. އަދި މިހާތަނަށް 252 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލްކޮށް، އޭގެ ތެރެއިން 232 ފަރާތާއެކު ކުލީގެ އެއްބަސްވުން ހަދާ ނިމިފައިވެއެވެ.
އެފްޑީސީން ވިދާޅުވެފައިވަނީ ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި މަސައްކަތް މިހާރު ކުރިއަށްދާ ބާރުމިނަށް ބަލާއިރު، ކުރިއަށް އޮތްތާގައި އެއްބަސްވުންތައް ހެދުމުގެ ދުވެލި އިތުރުވެގެންދާނެ ކަމަށް އެފްޑީސީން ވަނީ ފާހަގަކޮށްފައެވެ.
ފްލެޓް އެއްބަސްވުން ހެދުމަށް ހައުސިން މިނިސްޓްރީން އެފްޑީސީއަށް ފޮނުވާފައިވަނީ 2،665 މީހުންގެ ނަން ކަމަށް އެ ކޯޕަރޭޝަނުން ކުރިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، ބާކީ ތިބި ފަރާތްތަކާއެކު އެއްބަސްވުން ހެދުމުގެ މަސައްކަތް އެފްޑީސީން ދަނީ ކުރިއަށް ގެންދަމުންނެވެ.
މި ފްލެޓުތަކުގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.



