ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކޮށްފައެވެ.
މި ބަދަލާއެކު އާސަންދައިގެ ދަށުން ބޭސްފަރުވާއަށްދާ މީހުންނަށް 2،000 ޑޮލަރު ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލްއިން މިހާރު ހަމަޖައްސާފައިވާ ގޮތުން، އެންސްޕާގެ އެހީ ލިބިގެންދާ މީހުންނަށް އެންސްޕާއިން ކަނޑައަޅާ އަދަދަކަށް، ގިނަވެގެން 2،000 ޑޮލަރު ލިބޭނެއެވެ. އަދި އާސަންދަ އަދި އެންސްޕާގެ އެހީ ނެތި ބޭސްފަރުވާއަށްދާ މީހުންނަށް 1،000 ޑޮލަރު ލިބޭނެއެވެ.
ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ގަތުމަށް އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ. އާސަންދައިގެ ދަށުން ބޭހަށްދާ މީހުން ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓް، ޕާސްޕޯޓް ކޮޕީ އަދި އާސަންދަ އެޕްރޫވަލް ނުވަތަ ރިކޮމެންޑޭޝަން ލެޓާހުށަހަޅަންޖެހޭނެއެވެ.
އެންސްޕާގެ އެހީ ލިބިގެންދާ މީހުން ޑޮލަރު ގަތުމަށް އެންސްޕާއިން އެހީ ހަމަޖެހުނު ކަމުގެ ލިޔުމާއެކު، ބަލިމީހާ އާއި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހޭނެއެވެ. އަދި އަމިއްލަ ހަރަދުގައި ބޭހަށްދާ މީހުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ކަމަށް ބަޔާންކޮށް ޑޮކްޓަރު ދީފައިވާ ލިޔުމާއި، ބައްޔާއި ބަލީގެ ހިސްޓްރީ އެނގޭނެ ލިޔުމާއި، އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ކަމުގެ ލިޔުމުގެ އިތުރުން ބަލިމީހާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހޭނެއެވެ.
މި ބަދަލަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ބަދަލެއް ކަމަށް ބެލެވެއެވެ.
މީގެ ކުރިން ރާއްޖެއިން ބޭރަށްދާ ކޮންމެ މީހަކަށްވެސް ލިބެމުން އައީ 500 ޑޮލަރެވެ.




