އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ”ރަން ރީނދޫ“ ގެ ނަމުގައި ދުވުމެއް ބާއްވައިފިއެވެ.
މި ހަރަކާތުގައި 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
ހަވީރު 5:00 ގައި ފެށުނު މި ދުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތް ކުރިއަށްދިޔައީ ސެންޓްރަލް ޕާކު ވަށައިގެންވާ މަގުގެ އެއް ލޭނުގައެވެ.
ފަންސަވީހަކަށް މިނެޓު ދިގުމިނުގެ މި ދުވުމުގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، މިދިޔަ 20 އަހަރު ތެރޭ ޕާޓީ ދެމިއޮތީ އެމްޑީޕީގެ އާންމު މެންބަރުންގެ މަސައްކަތާ އެކީގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާޓީއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ނާޒިލް ވިދާޅުވިއެވެ.
ހަރަކާތުގައި ވާހަކަދެއްކެވި އެހެން ބޭފުޅުންގެ ތެރެއިން ފައްޔާޒް ވިދާޅުވީ، ޕާޓީ ވަރުގަދަކުރުމަކީ އެންމެ މުހިންމު އެއް އަމާޒު ކަމަށާއި، މިއަދުގެ ޔަންގް ޖެނެރޭޝަނާއި އަލުން ސިޔާސީ ކަންކަމަށް ފޯރި ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.
މި ހަރަކާތް އެންމެ ފުރަތަމަ ބޭއްވުމަށް ރޭވިފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް، ސެންޓްރަލް ޕާކުގައި ސިޔާސީ ހަރަކާތްތައް ނުބޭއްވޭނެ ކަމަށް ބުނެ ހުއްދަ ނުލިބުމާ ގުޅިގެން، މާލޭ މަޖީދީމަގުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވީ ނަމަވެސް، މިއަދު ސެންޓްރަލް ޕާކުގައި ދުވުން ބޭއްވުމުގެ ހުއްދަ ފުލުހުން ދިނުމާ ގުޅިގެން މި ހަރަކާތް ކުރިއަށް ގެންދެވުނެވެ.




