ފުވައްމުލަކު ހޮސްޕިޓަލުން މި މަސް ތެރޭގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ހެލްތް މިނިސްޓްރީން ބުނީ މި ވަގުތު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމުގެ މަސައްކަތްތައް ފެށިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ 2.9 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި ޚިދުމަތް ފެށުމަށްޓަކައި، ހޮސްޕިޓަލުގެ އިމާރާތަށް ބައެއް ބަދަލުތައް ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް ވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައެވެ. މި މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމުން، އެ ސަރަހައްދުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި މި ޚިދުމަތް ލިބިގެންދާނެއެވެ.
މިއީ އެ ސަރަހައްދުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.




