”ޣައްޒާ ބަނޑަށް މަރުވަނީ“ ގެ ނަމުގައި މިއަދު މާލޭގައި ބޭއްވި ހިނގާލުމުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ބައިވެރިވެ، ޣައްޒާގެ ބޯޑަރުތައް ހުޅުވާލުމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައިފި އެވެ.
މިއަދު ހަވީރު ރަސްފަންނު ސަރަހައްދުން ފެށުނު މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ އަމީނީ މަގުން ބޮޑުތަކުރުފާނު މަގަށް އަޅައި، ރާޅުގަނޑު ސަރަހައްދާ ހަމައަށެވެ.
މި ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ޣައްޒާގެ ވަށައިގެންވާ މުސްލިމު ޤައުމުތަކަށް، ޣައްޒާގެ ބޯޑަރުތައް ހުޅުވާލުމަށް ގޮވާލާފައެވެ.

މި ހިނގާލުމުގައި ބައިވެރިވި ކުޑަކުދިން ވަނީ ގައްޒާގެ ކުޑަކުދިން ކާތަކެތި ހޯދުމަށް އުޅެން ޖެހޭ ހާލު ތަމްސީލެއްގެ ސިފައިގައި ދައްކާލާފަ އެވެ. އަދި އެކުދިންވެސް ވަނީ އެކުދިންގެ ޝުއޫރުތައް ހިނގާލުމުގެ ތެރެއިން ފާޅުކޮށްފައެވެ.

ރާޅުގަނޑު ސަރަހައްދުގައި ޝުޢޫރު ފާޅުކުރި ބައެއް ފަރާތްތަކުން ވަނީ، އެހެނިހެން އިޖްތިމާޢީ ހަރަކާތްތަކުގައި ގިނަ ބައެއްގެ ބައިވެރިވުން ލިބޭއިރު، ޣައްޒާގެ ހައްޤުގައި ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުވުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި މިއީ ލަދުވެތިވާންޖެހޭ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކޮށްފައިވެއެވެ.
މި ހިނގާލުން ނިންމާލާފައިވަނީ ރާޅުގަނޑު ސަރަހައްދުގައި ޝުޢޫރު ފާޅުކުރުމަށްފަހު، ޣައްޒާގެ ރައްޔިތުންނަށް ޓަކައި ކުރެވުނު ޚާއްޞަ ދުޢާއަކުންނެވެ.



