މިފްކޯއިން މާލޭގައި ހުޅުވާ ހަތަރުވަނަ މަސް ފިހާރަ، ނޯތު ހާބަރުގައި ހުޅުވައިފިއެވެ.
މިއަދު ހުޅުވި މި ފިހާރަ ހުޅުވައިދެއްވީ މިފްކޯގެ ސޭލްސް މެނޭޖަރ އަބްދުﷲ ރަޝީދެވެ.
މިފްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މި ފިހާރައިން ލިބެން ހުންނާނީ ވިޔަފާރިވެރިން މައިގަނޑު ގޮތެއްގައި ގަންނަ ބާވަތްތަކެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި މި ފިހާރައިން މައިގަނޑު ގޮތެއްގައި ލިބެން ހުންނާނީ ތެޔޮ މަސްދަޅާއި ފެން މަސްދަޅާއި އާންމުކޮށް ނަގާ މަސްދަޅުގެ ބާވަތްތަކާއި ވަޅޯމަހެވެ. އަދި އިތުރު އުފެއްދުންތައް ބޭނުންވާނަމަ، އެކަން އެންގުމުން އެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

ނޯތު ހާބަރުގައި ހުޅުވި މި އާ ފިހާރަ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 6:00 އަށެވެ.
މިފްކޯއިން މާލޭގައި މިހާރު ހުޅުވާފައިވާ ހަތަރު ފިހާރައިން ވެސް ރައްޔިތުންނަށް ފޯރުކޮށްދެނީ އެ ކުންފުނީގެ އުފެއްދުންތަކެވެ.




