ފާއިތުވި ދެ ދުވަހު މާލެ ސިޓީން މާލޭގެ ތިން ސަރަހައްދަކުން، 1.75 ޓަނުގެ ކުނި ނަގައި ސާފުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓާއި، ދިވެހި ފުލުހުން ގުޅިގެން މި މަސައްކަތްކޮށްފައި ވަނީ، މާލެ ސާފު ތާހިރުކޮށް ބޭއްވުމާއި، މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަޤްސަދުގައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި، މި މަސައްކަތުގެތެރެއިން، ކުނި ނަގައިފައިވާ މާލޭގެ ތިން ސަރަހައްދަކީ، ބާޒާރުމަތީ، ވަދުފޮށި ކަންމައްޗާއި، ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓްމަތީގެ އިތުރުން، އާއްމުކޮށް ކުނި ބަހައްޓާފައި ހުންނަ ސަރަހައްދެއްކަމަށްވާ، އާބުރުޒު މަގު، ފުއްކަފަ ގޯޅި ކަންމަތިންނެވެ.
މާލެ ސިޓީގެ، ކޮންމެ މަގަކީ ވެސް ސާފު ތާހިރުކޮށް އޮންނަ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުންވާ ކަމެއް ކަމަށާއި، މަގުތަކަށް އަޅާ ކުނި، ކާނުތަކަށް އެޅި، ކާނުތައް ބެދި، ވާރޭވެހޭ ދުވަސްވަރު، މަގުތަކުން ފެން ނުހިދުމުން، އޭގެ ދަތިކަން ރައްޔިތުންނަށް، އިންތިހާއަށް ކުރިމަތިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ޓަކައި، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ފުލުހުން ދެއްވާ އެއްބާރުލުން ފާހަގަކޮށް، މޭޔަރ އާދަމް ޢާޒިމް ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށް، ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން، ދުވަސް ނިމެންދެން ކުނި ނެގުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ގޮތުން މާލެ، ވިލިމާލޭގެ އެއްގަމާއި ފަޅުތެރެއިން ދުވާލެއްގެ މައްޗަށް 30 އާއި 40 ޓަނާ ދެމެދުގެ ކުނި ނަގާ ކަމަށެވެ.
ކުނީގެ މައްސަލައަކީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން މާލެ ސިޓީގެ ކުނި މެނޭޖުކޮށް، ސާފު، ރީތި، ހިތްގައިމު، ސިޓީއަކަށް ހެދުމަށް، މާލެ ސިޓީން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް، މަގުތަކާއި ޕާކުތަކާއި މައިޒާން ތަކާއި އަދި ފަޅުތެރެއަށް ވެސް ކުނި ނޭއްޅުއްވުމަށް ލޮބުވެތި ރައްޔިތުންނަށް މޭޔަރ ޢާޒިމް ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވަމުންނެވެ.



