ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ސަބަބުން މިހާތަނަށް 93 ކުޑަކުދިން ޝަހީދުވެއްޖެއެވެ.
މި އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ފޯރުކޮށްދޭ އެންމެހައި އެހީތައް ހުއްޓުވާލުމާ ގުޅިގެން މި ސަރަހައްދުގެ އިންސާނީ ހާލަތު ވަނީ ނުހަނު ގޯސްވެފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ބުނިގޮތުގައި، ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ދަތިކަން ހަލުވިވަމުން އަންނައިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން 93 ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 175 މީހުން ވަނީ ޝަހީދުވެފައެވެ.
އެމެރިކާ އާއި އިސްރާއީލުގެ ތާއީދާއެކު ޖީއެޗްއެފް ގްރޫޕުން މެއި މަހުގެ ފަހުކޮޅު ހަރަކާތްތެރިވާން ފެށުމާއެކު، އެ ގްރޫޕުގެ މަސައްކަތްތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އިސްރާއީލީ ސިފައިންގެ އަނިޔާވެރި ހަމަލާތަކުގައި، ޖީއެޗްއެފް އިން ހިންގާ އެހީ ބަހާ ސައިޓްތަކުން ކާބޯތަކެތި ހޯދަން މަސައްކަތްކުރި 1،400 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
އދ. އާއި އެހެނިހެން އިންސާނީ އެހީތެރިކަމުގެ ޖަމާއަތްތަކުގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި، އިސްރާއީލުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ބައެއް ހުރަސްތައް އުވާލި ނަމަވެސް، ފަލަސްތީނު ރައްޔިތުންގެ ބަނޑުހައިހޫނުކަން މެދުނުކެނޑި ދަނީ އިތުރުވަމުންނެވެ. އަދި އާއިލާތަކަށް ކާންދޭނެ ކާނާ ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ނިރުބަވެރި އިސްރާއީލުން ބުނާ ގޮތުގައި އެ ގައުމުން ވަނީ ފަލަސްތީނު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުން އިތުރުކުރަމުންދާ ކަމަށާއި، ’އެއާޑްރޮޕް‘ ގެ ޒަރިއްޔާއިން ޣައްޒާ ރައްޔިތުންނަށް އެހީ ފޮނުވަން ނިންމާފައެވެ.
ނަމަވެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުން މި ވައިގެ ޑްރޮޕްތައް ސިފަކުރަނީ ނުރައްކާތެރި އަދި ނާކާމިޔާބު ކަމެއްގެ ގޮތުގައެވެ.
އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި އދ. ގެ އޮފިޝަލުން ވަނީ އިސްރާއީލުން ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
އަދި ދުނިޔޭގެ ބަނޑުހައިހޫނުކަމުގެ މޮނިޓަރުން ވަނީ މިވަގުތު ޣައްޒާގައި ”ބަނޑުހައިހޫނުކަމުގެ އެންމެ ގޯސް ދަނޑިވަޅު”ހިނގަމުންދާ ކަމަށް ބުނެފައެވެ.




