މާލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 100 އަށްވުރެ ގިނަ ބުޅާ ނަގާފައިވާކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ބުނެފިއެވެ.
މިނިސްޓްރީން ބުނިގޮތުގައި، އޮޅުހިޔާ ހިންގަން ފެށިއިރު އެތަނުގައި ކަރަންޓީން ކުރެވޭނެ ވަސީލަތްތައް ނެތުމުން، ފުރަތަމަ މަރުހަލާގައި ކޭޖްތައް ތައްޔާރުކޮށް 15 ބުޅާ ވަނީ ވައްދާފައެވެ.
އަދި އޭގެ ފަހުން އެކި ފަހަރުމަތިން ބުޅާތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭނެ ގޮތަށް ޖާގަ އިތުރުކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިވަގުތު އޮޅުހިޔާގައި ޖުމްލަ 122 ބުޅާ ތިބިކަމަށާއި، މީގެ ތެރޭގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ކޮށިތަކަށް ބަދަލުކޮށްފައިވާ ބުޅާތަކާއި މިހާރުވެސް ކަރަންޓީނުގައި ތިބި ބުޅާތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާންޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އޮޅުހިޔާއަކީ މާލެ ސަރަހައްދުގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ޤާއިމްކުރި ފެސިލިޓީއެކެވެ. މި ފެސިލިޓީ ހުޅުވައިދެއްވީ މިދިޔަ ނޮވެންބަރު 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ފެސިލިޓީ ޤާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.
މި ފެސިލިޓީ ޤާއިމްކުރުމާއެކު، ބުޅަލުގެ ސަބަބުން ރަށުތެރެއާއި މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، އޯގާތެރިކަމާއި އަޅާލުމާއެކު ބުޅާތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހޭނެކަމަށް ސަރުކާރުން ބުނެއެވެ.



