މިއަހަރުގެ މިހާތަނަށް އާސަންދަ ސްކީމަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ”ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް“ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން ޖުލައި 17 އާ ހަމައަށް ދައުލަތުގެ ބަޖެޓުން އާސަންދައަށް 1.1 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 1.0 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9.9 އިންސައްތައިގެ އިތުރުވުމެކެވެ.
މިއަހަރުގެ ބަޖެޓުގައި އާސަންދައަށް 1.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާރު އެ ބަޖެޓުގައި ބާކީ އޮތީ ގާތްގަނޑަކަށް 7 މިލިޔަން ރުފިޔާއެވެ. އާސަންދައިގެ ޚަރަދުތައް އިތުރުވަމުންދިއުމާ ގުޅިގެން، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
އާސަންދައިގެ ދަށުން ކުރެވޭ އިސްރާފު ކުޑަކުރުމަށްޓަކައި ނިމިދިޔަ އޮކްޓޯބަރު މަހު ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ބޭސްފަރުވާއަށް ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަންދިނުމަށް ނިންމުމާއި، އާސަންދައިގެ ދަށުން އެހެން ފަރާތްތަކަށް ބޭސްފަރުވާ ކުރެވޭ އުސޫލުތަކަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.
ދައުލަތުން އަހަރަކު 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ އާސަންދައިން ބޭސްފަރުވާއަށް ޚަރަދުކުރަމުންދާއިރު، މީގެ ބޮޑު ބައެއް ހޭދަކުރެވެނީ ބޭސް ގަތުމަށެވެ. މި ޚަރަދު ކުޑަކުރުމަށްޓަކައި ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.
ދުރު މުސްތަޤުބަލުގައި އާސަންދައިން ބޭސްފަރުވާއަށް ކުރަމުންދާ ޚަރަދު ކުޑަކޮށް، އެ ފައިސާ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންކުރުމަކީ ސަރުކާރުން ސިއްޙީ ދާއިރާއަށް ކަނޑައަޅާފައިވާ މުހިންމު އަމާޒެކެވެ.


