ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިރޭ އައްޔަން ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖަމީލްއާއި ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމެވެ.
ޖަމީލަކީ 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް މެޖިސްޓްރޭޓްކަން ކުރެއްވި އަދި 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ.
ހާއްސަކޮށް ޖަމީލްގެ ގާޒީކަމުގައި ސިވިލް ކޯޓުގައި ގިނަ ބޮޑެތި މައްސަލަތަކެއް ބައްލަވާފައިވެއެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރެއިން، ޖަމީލްއާއެކު އިތުރު ފަނޑިޔާރެއްގެ ގޮތުގައި ޖޭއެސްސީން އައްޔަންކުރަން ނިންމާފައިވަނީ މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދެވެ. ނަމަވެސް ޝަހީދު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވާފައެވެ.
ޝަހީދު ޖޭއެސްސީގެ ރައީސް ރިޒާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މިހާރުވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ނަން އަނބުރާ ގެންދެވީ ކަމަށެވެ.
”ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ. އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މިކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި.“ ޝަހީދު ވިދާޅުވިއެވެ.
މިއީ ފަނޑިޔާރަކަށް އައްޔަންކުރަން ޖޭއެސްސީން ނިންމުމަށްފަހު ނަން އަނބުރާ ގެންދެވި ފުރަތަމަ ފަހަރެވެ.




