މިދިޔަ މަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން މިދިޔަ މަހު އެކަނި ވައްކަމުގެ 277 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ އެކްސިޑެންޓްގެ 178 މައްސަލައެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 163 މައްސަލައެވެ.
މީގެއިތުރުން، އެއްޗެހި ގެއްލިގެން 69 މައްސަލައާއި، އަނިޔާގެ 42 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ ވަނީ ހުށަހެޅިފައެވެ. އަދި ގެވެށި އަނިޔާގެ 28 މައްސަލައާއި، ޚިޔާނާތުގެ 21 މައްސަލައާއި، ޖިންސީ ގޯނާގެ 14 މައްސަލަވެސް ވަނީ ހުށަހެޅިފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، ފޭރުމުގެ 9 މައްސަލައާއި، ފޯޖުކުރުމުގެ 9 މައްސަލަ އަދި ޗެކް ބައުންސްގެ 2 މައްސަލަވެސް މިދިޔަ މަހު ވަނީ ހުށަހެޅިފައެވެ.
ކުށްތައް މަދުކުރުމަށްޓަކައި މުޅި ރާއްޖޭގައި ފުލުހުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ޚާއްޞަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ފުލުހުންގެ ދައުރުވެސް އަންނަނީ އިތުރުކުރަމުންނެވެ.




