ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ސޯންގް ޔަންގް-ކިއު މިއަދު ހެނދުނު ގިޔޮންގީ ޕްރޮވިންސްގެ ޔޮންގިންގެ ޗިއޯން-ގު ސަރަހައްދުން ކާރު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
”ސޫމްޕީ“ ނޫހުން ހާމަކޮށްފައިވާ ގޮތުގައި 55 އަހަރުގެ އެކްޓަރުގެ ހަށިގަނޑު ފެނުނީ ހެނދުނު 8:00 ހާއިރު އޭނާގެ ރަހުމަތްތެރިއަކަށެވެ.
އަދި މި މައްސަލަ ވަނީ ވަގުތުން ޔޮންގިން ޑޮންގްބޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުންގެ އޮފިސަރުން ވަނީ އެ ސަރަހައްދަށް އަވަހަށް އައިސްފައެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ. އަދި އަމިއްލައަށް މަރުވި ކަން އަންގައިދޭ ނޯޓެއް ވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް މަރުގެ ސީދާ ސަބަބު ދެނެގަތުމަށް ތަހުގީގެއް ވަނީ ފަށައިފައެވެ.
ފާއިތުވި ޖޫން 19 ގައި ސޯންގް ޔަންގް-ކިއުގެ މައްޗަށް މަސްތުގެ ހާލަތުގައި ހުރެގެން ކާރު ދުއްވި މައްސަލައެއްގައި ކުށް ސާބިތުވެ ހުކުމް ކޮށްފައިވެއެވެ.
ސޯންގް ޔަންގް-ކިއުއަކީ 1994 ވަނަ އަހަރު ކުޑަކުދިންގެ މިއުޒިކަލް ”ވިޒާޑް މިއުސޫލް“ އިން އޭނާގެ އެކްޓިންގ ކެރިއަރ ފެށި، ތިއޭޓަރު، ފިލްމު އަދި ޓެލެވިޜަންގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދި ފަންނާނެކެވެ. އޭނާ ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ މަޝްހޫރުވީ 2019 ވަނަ އަހަރު ރިލީޒްކުރި ”އެކްސްޓްރީމް ޖޮބް“ ފިލްމުގައި ޗީފް ޗޯއީގެ ދައުރުން ކުޅެ، އެ ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމާ ގުޅިގެންނެވެ.
އޭނާގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރޭގައި ”ދަ ޑިފެކްޓްސް“ އަދި ”ދަ ވިނިންގ ޓްރައި“ ހިމެނެއެވެ.


