މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަޤްޞާގެ ހުރުމަތް ކެނޑުމަށް އިސްރާއީލުން ހިންގި އަމަލު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު މަސްޖިދުލް އަޤްޞާގެ އިމުގެ ތެރެއަށް ވަދެ، އެ މިސްކިތުގެ ހުރުމަތް ކަނޑާލުމުގެ ހުތުރު އަމަލެއް ހިންގުމާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ބައިނަލްއަގްވާމީ ގާނޫނާއި، އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއް ކަމަށެވެ.
އަދި އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތަކާއި، އިސްލާމީ މުގައްދަސް ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގާ އެންމެހާ އަމަލުތައް ވަގުތުން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބަޔާނުގައި ގޮވާލާފައިވެއެވެ.
އަދި މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.



