މިދިޔަ ޖޫން މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 88 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފިއެވެ.
މިނިސްޓްރީން ވަނީ ޖޫން މަހު މިނިސްޓްރީއަށް ހުށަހެޅި، މައްސަލަތަކުގެ ތަފްސީލުތައް ހާމަކޮށްފައެވެ. އެގޮތުން ކުޑަކުދިންގެ އަޚްލާގީ 24 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. މިގޮތުން ޖިންސީ ހާނިއްކައިގެ 27 މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 21 މައްސަލައާއި ފިރިހެން ކުދިންނާ ގުޅޭ 6 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައީ ޖިސްމާނީ ހާނިއްކައިގެ 18 މައްސަލައެވެ.
އިހުމާލުވުމުގެ 13 މައްސަލައާއި، ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ ހުށަހެޅިފައިވާއިރު، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަވެސް ވަނީ ރިޕޯޓުކުރެވިފައެވެ. މީގެ އިތުރުން، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 6 މައްސަލައާއި، ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ 4 މައްސަލަވެސް ހިމެނެއެވެ.
ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އަންހެން ކުދިންނާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އަންހެން ކުދިންގެ 50 މައްސަލައާއި ފިރިހެން ކުދިންގެ 38 މައްސަލަ ވަނީ ހުށަހެޅިފައެވެ.
އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 35 މައްސަލަވެސް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލައާއި، ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލަ ހިމެނެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން 33 މައްސަލައަކީ އަންހެނުންނާ ގުޅޭ މައްސަލަތަކެވެ.




