އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދިން މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ޗާންދަނީ މަގުގައި އިސްކަންދަރު ސްކޫލް ކައިރީގައި ހުންނަ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލައިގައި މިދިޔަ ހަފުތާގައި ހައްޔަރުކުރީ މ. ސްޓާ، މުހައްމަދު ރަޒީން (49 އަހަރު) އެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، އެމްޑީޕީގެ ހަރުގޭގެ ދަނގަނޑު ދޮރު ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައެވެ.
ފުލުހުންގެ ރިކޯޑްތަކުން ދައްކާ ގޮތުގައި ރަޒީންއަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ގިނަ ފަހަރު މަތިން ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާ އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއްގައެވެ.
ރަޒީންއަކީ މަސްތުވާތަކެއްޗާއި ވައްކަން ފަދަ އެކި ތުހުމަތުތަކުގައި ކުރިން ވެސް ހައްޔަރުކޮށް، ޖަލު ހުކުމް ތަންފީޒުކޮށްފައިވާ މީހެއްކަން ފުލުހުންގެ ރިކޯޑްތަކުން ދައްކައެވެ.
އެމްޑީޕީ ހަރުގެއަށް ގެއްލުން ދިނުމުގެ މައްސަލައިގައި މިހާރު އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވެއެވެ.




