އިންޓަ މިއާމީގެ ސުޕަރ ސްޓާރ ލިއޮނެލް މެސީގެ ފަޔަށް ލިބުނު އަނިޔާ އެހާ ބޮޑު ނޫން ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.
މެސީއަށް އަނިޔާވުމާއި ގުޅިގެން އިއްޔެ އިންޓާ މިއާމީއިން ނެރުނު ބަޔާނުގައި ބުނީ، ބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް މެސީ އަލުން ދަނޑަށް ނިކުންނާނެ ވަކި ތާރީހެއް އަދި ކަނޑައެޅިފައި ނުވާކަމަށެވެ.
މި އަނިޔާ މެސީއަށް ލިބުނީ ހޮނިހިރު ދުވަހު، އެމެރިކާގެ ފްލޮރިޑާގެ ފޯޓް ލޯޑަޑޭލްގައި ނެކާކްސާ އާ ދެކޮޅަށް ކުޅުނު ލީގް ކަޕްގެ މެޗެއްގައެވެ. މެޗުގެ 11 ވަނަ މިނެޓުގައި އެހެން ކުޅުންތެރިއަކާ ޖެހި އަނިޔާވުމާ ގުޅިގެން މެސީ ބަދަލު ކުރަން ޖެހުނެވެ.
”ނަތީޖާތަކުން އެނގުނީ އޭނާގެ ކަނާތު ފައިގެ މަސްގަނޑަށް ކުޑަ އަނިޔާއެއް ލިބިފައިވާ ކަމަށް. އޭނާ ކުޅުމުގެ ހުއްދަ ލިބޭނެ ގޮތެއް ބިނާވެފައިވަނީ ޑަކްޓަރުންގެ ބަހާއި ފަރުވާގެ މައްޗަށް،“ އިންޓަ މިއާމީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މެސީ ނެތް ނަމަވެސް، އިންޓަ މިއާމީ ވަނީ މެޗުގެ ފަހުކޮޅު ނެކާކްސާއާ 2-2 އިން އެއްވަރުކޮށް ޕެނަލްޓީ ޝޫޓްއައުޓުން 5-4 އިން މެޗު ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީއާއެކު ލީގް ކަޕްގައި އިންޓަ މިއާމީ މިވަގުތު އޮތީ ފަސް ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.
މި މުބާރާތުގައި ބައިވެރިވާ އެމްއެލްއެސްގެ 18 ކްލަބްގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ކްލަބް ކުއާޓާފައިނަލަށް ދަތުރުކުރާނެއެވެ. އަދި ކުއާޓާ ފައިނަލުގައި އެމްއެލްއެސް ކްލަބްތަކާ ގުޅޭނީ މުބާރާތުގެ 18 ލީގާ އެމްއެކްސް ކްލަބްގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ކްލަބެވެ.




