ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.
މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުން ފެށިގެންނެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނިގޮތުގައި، ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ޤައުމަކަށްވާތީ، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެއެވެ.
މި ބަދަލާއެކު، ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
ވަކިން ޚާއްޞަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށް ސަމާލުވުމަށް އަންގާފައިވެއެވެ.
ސްރީލަންކާ ސަރުކާރުން އަންގާފައިވާ ގޮތުގައި، ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެއެވެ.
އެހެންކަމުން، މި ކަންކަމަށް ސަމާލުވުމަށް ސްރީލަންކާގައި ދިރިއުޅޭ އެންމެހައި ދިވެހިންނަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.




