ވާނުވާ ބަންދު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމުގެ ދަށުން ޓެގް އަޅުވައި 10 މީހުން މިހާތަނަށް ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވެއެވެ.
މިގޮތުން މެއި މަހު 4 މީހުންނާއި، ޖޫން މަހު 3 މީހުންނާއި، ޖުލައި މަހު 2 މީހުން ދޫކޮށްލާފައިވެއެވެ. ދޫކޮށްލެވުނު 10 މީހުންގެ ތެރެއިން 7 މީހުންނަކީ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގެ ތުހުމަތުގައި ތިބި މީހުންނެވެ.
އަދި 3 މީހުންނަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް ޓެގް އަޅުވައިދޫކޮށްލުމަށް 252 މީހުން ހުށައަޅާފައިވެއެވެ.
އަދި ބަންދުން ދޫކުރުމަށް ހުށަހަޅާފައިވާ 252 މީހުންގެ ތެރެއިން 149 މީހެއްގެ އެސެސްމެންޓް ހެދުމަށް ފޮނުވާފައިވެއެވެ. އޭގެތެރެއިން 83 މީހުން ޝަރުތު ހަމަނުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 9 މީހެއްގެ ފޯމު ލިބި އެސެސްމެންޓަށް ފޮނުވުމުގެ މަރުހަލާގައިވާކަމަށް ޕީޖީން ބުންޏެވެ.
މިގޮތަށް ދޫކޮށްލާ މީހުންގެ ތެރޭގައި މުޖުތަމަޢަށް ނުރައްކަލެއްވާނެ ކަމަށް ބެލެވޭ އެއްވެސް މީހަކު ދޫކުރެވިފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވިއެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގަކީ މީހާ ހަރަކާތްތެރިވާ ތަން 24 ގަޑިއިރު މޮނިޓަރކުރެވޭ ޑިވައިސްއެކެވެ.




