ޖަލުތަކުގައި ތިބޭ ގައިދީންނަށް ދޭ އެލަވަންސް 25 އަހަރަށްފަހު ބޮޑުކޮށްފިއެވެ.
މިގޮތުން މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގައިދީންނަށް ދޭ އެލަވަންސްގެ އެންމެ ދަށް މިންވަރު 30 ރުފިޔާއިން 50 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
ޖަލުތަކުގައި ތިބޭ ގައިދީންނަށް އެލަވަންސް ލިބޭގޮތަށް އެ މީހުން ލައްވާ ކުނިކެހުމާއި، ފޮޅާ ސާފުކުރުމާއި، ކަރަންޓު މަސައްކަތްތަކާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުވަމުން ގެންދެއެވެ. މި މަސައްކަތްތަކަށް އެލަވަންސް ދޭން ފެށީ 2000 ވަނަ އަހަރުއެވެ. އޭރު އެލަވަންސްގެ ގޮތުގައި ހަމަޖައްސާފައިވަނީ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ގައިދީއަކަށް 30 ރުފިޔާއެވެ.
ކަރެކްޝަނަލް ސަރވިސްއިން މިހާރު ވަނީ އެލަވަންސް ދިނުމަށް އައު އުސޫލެއް ތަޢާރަފުކޮށްފައެވެ. މި އުސޫލުގެ ދަށުން އެކި ބާވަތުގެ މަސައްކަތްތަކަށް އަށް ގްރޭޑެއް ކަނޑައަޅައި، އެ ގްރޭޑްތަކަށް ތަފާތު މިންވަރުތަކެއް ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
އައު އުސޫލުގެ ދަށުން އެންމެ ދަށް ގްރޭޑް ކަމުގައިވާ ގްރޭޑް އެކަކަށް ދުވާލަކަށް 50 ރުފިޔާ ލިބޭއިރު، ކޮންމެ ގްރޭޑަކަށް 10 ރުފިޔާ އިތުރުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިގޮތުން އެންމެ މަތީ ގްރޭޑް ކަމުގައިވާ ގްރޭޑް 8 އަށް ދުވާލަކަށް 120 ރުފިޔާ ލިބޭނެއެވެ.
މި ބަދަލާއެކު ގައިދީންނަށް ލިބޭ އެލަވަންސް ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައިވާއިރު، މިއީ 25 އަހަރު ފަހުން މި އެލަވަންސަށް ގެނެވުނު ފުރަތަމަ ބަދަލެވެ.




