މިދިޔަ އޭޕްރިލް މަހު މާލޭގެ ގެއެއްގެ ފުރާޅުމަތިން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ސުވާލުކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ.
ޔުމްނުގެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މެންބަރު ކުޑޫ ހުށަހެޅުއްވި ގޮތުގައި، ޔުމްނުގެ މައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގަމުންދޭތޯ އާއި އެ ތަހުގީގުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރަން ބޭނުންވެއެވެ.
އަދި މީގެއިތުރުން، މި މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތައް ހުރި ކަމަށް ފާހަގަކޮށްފައިވާތީ، އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ވެސް ސުވާލުކުރުމަށް ވަނީ ހުށަހަޅާފައެވެ.
މި މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުގެ ރިޕޯޓު އާންމުކޮށްފައިވަނީ މިދިޔަ ޖޫން 17 ގައެވެ. އެ ރިޕޯޓުގައި ބުނީ ޔުމްނު ވައްޓާލީ ކަމަކަށް ނުބެލެވޭ ކަމަށާއި ބުރަވެވެނީ ކުޑަދޮރުން ވެއްޓުނީ ކަމަށެވެ.
ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ވަނީ ހޯމް މިނިސްޓްރީ އާއި ޞިއްޙީ ވުޒާރާއަށް އަންގަވާފައެވެ.




