އައްޑޫ ހިތަދޫގައި ދާރުލްއާސާރީއެއް ގާއިމުކުރުމަށް ނިންމައިފިއެވެ.
މި ދާރުލްއާސާރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި ހުންނަ ކުރީގެ ”ފިޓް އެރޯ“ ރެސްޓޯރަންޓް ގޯޅިގަނޑުގެ ތެރޭގައި ހުރި، އައްޑޫގެ ކުރީގެ މާލިއްޔާ ހިންގި އިމާރާތުގައެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް މަރާމާތުކޮށް ދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ ބީލަމަށް ހުޅުވާލައިފައެވެ. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ވުމަށާއި، ރަޖިސްޓްރީ ވުމަށްޓަކައި ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް tender@adducity.gov.mv އަށް ފޮނުވަން ކައުންސިލުން ބުނެފައިވެއެވެ.
އަދި މި ބީލަމާ ގުޅޭ މަޢުލޫމާތު ސެޝަނެއް މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



